މަސްއޫލިއްޔަތު ތަކާއި ބާރު
ދިވެހިރާއްޖޭގެ އިދާރާި ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުއިން ރަށު ކައުންސިލަށް މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކާއި ލިބިދޭ ބާރުތައް
ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.
ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ތަރައްޤީގެ ޕްލޭން އަތޮޅު ކައުންސިލަށް ފޮނުވުން.
ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން ކަނޑައަޅާ، ރަށު ކައުންސިލާ ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުން.
ތަރައްޤީގެ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެ، ގަވާއިދުން ރިޕޯޓު ހުށަހެޅުން.
ރަށު ފެންވަރުގައި ސިޔާސަތުތައް އެކަށައަޅައި، ގަވާއިދު ހަދައި ހިންގުން.
ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.
ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، ކުއްޔަށްދޫކުރުމާއި، އިންވެސްޓްކުރުން.
އަތޮޅު ކައުންސިލްގެ ލަފަޔާއި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުން ސަރުކާރުން ޙަވާލުކޮށްފައިވާ ފަޅާއި ބިން ކުއްޔަށް ދޫކުރުން.
ކައުންސިލްގެ ނަމުގައި، ތަންތަނާއި ތަކެތި ހޯދައި، ކުއްޔަށް ދިނުމާއި ދޫކުރުން.
ތަރައްޤީގެ ޙަރަކާތްތަކަށް ފައިސާ ހޯދުމަށް ދަރަންޏަށް ފައިސާ ނެގުމާއި، ތަފާތު ކަންކަމަށް ފަންޑު އުފެއްދުން.
ކައުންސިލްގެ މެންބަރުން ނުވަތަ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
ކައުންސިލްގެ ޚިދުމަތްތަކަށް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީ ނެގުން.
ޢާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެ ނަމަ، ޢަދުލުވެރި ބަދަލު ދިނުމަށްފަހު ބިންތަކާއި މުދާ ނެގުން.
ކައުންސިލްގެ ތަންތަނާއި، އުޅަނދުފަހަރާއި، ރަށުގެ މަގާއި ޕާކުފަދަ ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން.
ރަށްރަށުގެ މަގާއި ޕާކުތަކާއި މައިދާންފަދަ ތަންތަން ވަގުތީ ނުވަތަ ދާއިމީ ގޮތުން ހުޅުވުމާއި ބަންދުކުރުން.
ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
ޤާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.
ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ފަރާއި، ފަޅުފަދަ ޤުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން.
ރަށުގައި އަމާން، ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި ހުރިހާ ކަމެއް ކުރުން.
ކައުންސިލްގެ ދާއިރާގައި ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތު ކުރެވޭ ނަމަ، ތަޙްޤީގުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
ރަށު ކައުންސިލްގެ އިދާރާ ހިންގުން.
ޤާނޫނަކުން ކަނޑައަޅާ، މިނޫންވެސް ކަންކަން ކުރުން.